ޚަބަރު

ފުރަބަންދާ ހިލާފުވި 312 މީހަކަށް ޖިނާއީ ދައުވާކޮށްދޭން އެދިއްޖެ

ކޯވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދަށް އިއުލާންކުރި ފުރަބަންދާ ހިލާފުވި 312 މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހު ވިދާޅުވީ، ފުރަބަންދުގެ ފިޔަވަޅުތަކާ ގުޅުންހުރި 80 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ފުރަބަންދާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް 582 މީހުން ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި 37 މީހުން އެބަތިބި ކަމަށްވެސް ޔޫނުސް ވިދާޅުވި އެވެ.

"ލޮކްޑައުން ވަޔޮލޭޝަން އާ ގުޅިގެން 312 މީހެއްގެ މަައްސަލަ ޕީޖީއަށް ވަނީ ފޮނުވިފައި" ޔޫނުސް ވިދާޅުވި އެވެ.

ޔޫނުސް ވިދާޅުވީ މާލެ ފުރަބަންދުގައި އޮތް ދުވަސްވަރު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި ގިނަ ރައްޔިތުން ލޮކްޑައުން އަށް ފުރިހަމައަށް ތަބާވި ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުގައިވާ ގޮތުން ފުރަބަންދާ ހިލާފުވެގެން ނުވަ ހާހަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ފުރަބަންދުގެ މުއްދަތުގައި ބޭރަށް ނުކުމެވެނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ހުއްދައާ ނުލައި ބޭރަށް ނުކުމެ އުޅޭނަމަ ފުރަތަމަ ނަސޭހަތްދެ އެވެ. އޭގެ ފަހުން ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެ އެވެ. އަދި އެއަށްފަހުވެސް އެކުށް ތަކުރާރުކުރާނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.

ފުރަބަންދަށް ދިން ލުޔާއެކު ރޭގަނޑު 10:00 ހާ ހަމަޔަށް، ހުއްދައެއް ނެގުމަކާ ނުލައި ބޭރުގައި އުޅުމުގެ ހުއްދަ މި މަހު 15 ވަނަ ދުވަހުން ފެށިގެން ވަނީ ދީފަ އެވެ.