މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ) ތެރޭގައި ނުފޫޒު އޮތްތޯ ބެލުމަށް ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައި އެކަން ބަލަން ފަށައިފި އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި މުއައްސަސާތަކަށް ނުފޫޒު ވަދެފައިވާ ކަމަށް ބުނަމުންދާ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހަށް ވެސް ނުފޫޒު އޮތް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ޕީޖީގެ އެތެރޭގެ އިންކުއަރީއެއް މިހާރު ފަށައިފައިވާ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި މިހާރު އެކަމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާމެދު އެއްވެސް ކަހަލަ ތުހުމަތެއް އެއްވެސް ކަހަލަ ސުވާލު އުފެދޭ ކަމެއް އޮތްތޯ ބެލޭނެ ކަމަށެވެ.
"އެއީ އިންޓާނަލީ، ސިސްޓަމްތައް ހުރި ގޮތުންނާއި މަސައްކަތް ގެނެވިފައި ހުރި ގޮތުންނާއި މަސައްކަތް ކުރަމުން އަންނަ ގޮތުގެ އެއްވެސް ކަހަލަ ކަމެއް އުޅޭތޯ ބަަލަން ތިން ބޭފުޅުންގެ ކޮމެޓީއަކާ ހަވާލުކޮށްފަ އޮންނާނީ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމި އެކަމާ ގުޅޭ ރިޕޯޓް ލިބޭނެ ކަމަށެވެ. އަދި ޕީޖީ ތެރޭގައި ނުފޫޒް ހުރި ދިމާތައް އެ ރިޕޯޓުން އެނގޭނެ ކަމަށާއި އެކަންތައް އިސްލާހު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ބަލަނީ ސިސްޓަމެޓިކް ކަންތައްތަކެއް ރަނގަޅު ކުރަން ހުރީ ވިއްޔާ ހަމަ ވަގުތުން އެކަމެއް ރަނގަޅު ކުރަން, ދެން މުވައްޒަފަކު ގޯހެއް ހަދާފަ އޮތްކަމަށް ގަބޫލުކުރެވެންޏާ އެ އޮންނަ ޕްރޮސަސްތެރެއިން ފިޔަވަޅު އަޅާނެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އެއްވެސް ދިމާއަކުން ނުފޫޒެއް ނާންނަ ކަމަށެވެ. ނަމަވެސް އެފަދަ ނުފޫޒެއް އަންނަކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފަދަ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.