ޚަބަރު

އެމްއެމްޕީއާރްސީގެ ކްލަސްޓާ ރާވައި ހިންގުމުގައި އިސްކޮށް ތިބީ ރައީސް ޔާމީން، އަދީބު އަދި ޒިޔަތު: ޕީޖީ ޝަމީމް

އަލީ އަފާފު ރަމީޒު

3

އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތް ރާވައި ހިންގުމުގައި އިސްކޮށް އުޅުއްވި ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ހައެއްކަ ފަރާތެއް ކަމަށެވެ. އޭގެ ތެރެއިން ބޮޑެތި ކްލަސްޓާގެ ގޮތުގައި ތިން ބޭފުޅުން ހިމެނޭ ކަމަށާއި މުޅި ނިޒާމު ހިންގާ ރޭވުމުގައި އުޅުއްވީ އެ ތިން ބޭފުޅުން ކަމަށެވެ.

"މި ފާހަގަކުރެވެނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް، ރައީސް ޔާމީނާއި އެމްއެމްޕީއާރްސީގެ އެމްޑީއަކަށް ހުންނެވި ބޭފުޅަކާއި މި ތިން ބޭފުޅުން އެއްކޮށް ރާވައި ހިންގުމުގައި އުޅުއްވި ކަމަށް އަޅުގަނޑުމެންނަށް ތަހުގީގަށް ފާހަގަކުރެވެނީ، ދެން އެމީހުންގެ މައްޗަށް ވަނީ ކޯޓަށް ދައުވާ ހުށަހެޅިފައި, އެކަންކަން ކުރިޔަށް އެބަދޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ހިޔާނާތް ހިންގާފައި ވަނީ ހަމައެކަނި އެ ތިން ބޭފުޅުންގެ ހުސިޔާރު ކަމަކުން ނޫން ކަމަށާއި އެކަމުގައި އޭރުގެ ދައުލަތް ހިންގުމުގައި ތިބި މީހުންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ އިހުމާލު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެމައްސަލައާ ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގިނަ ފަރާތްތަކެއްގެ މައްސަލަތަކެއްވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކުރީގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވި ގިނަ ފަރާތްތަކެއްވެސް ހިމެނޭ ކަމަށާއި ސިިފައިންގެ އޮފިސަރުންތަކެއްގެ އިތުރުން، ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއްވެސް ތަހުގީގު ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން, އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޭރުގެ މެންބަރުންގެ ދެން އަޅުގަނޑުމެންނަށް ފާޅުގައި ފެންނަން އެބައޮތް އޭގެ އިހުމާލެއް ހަމަ ގައިމުވެސް އެބޭފުޅުން މަސައްކަތް ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފަރުވާ ކުޑަ ކަމެއް އުޅޭ ކަމަށް، އަނެއްހެން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރި, އޭގެ ތަހުގީގުތައް އެބަ ކުރިޔަށްދޭ، އެހެންވީމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެންބަރުންގެ މައްސަލަތައް ވެސް އެބަ ބެލޭ، އޭގެ އިތުރުން އޭރު ރާއްޖޭގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި ގާތް ގުޅުމެއް ބޭއްވި ފުލުހުންގެ މައްސަލަތައް ވެސް އަންނަނީ ބަލަމުން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މި މައްސަލާގައި ދެން އުޅޭ ބަޔަކީ ސިޔާސީ ބައެއް ވެރިން ކަމަށާއި އޭގެތެރޭގައި މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ކޮޅެއްގައި ޖެހެންދެން މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކި ފެންވަރުގެ 260 އެއްހާ މީހުން ހިމެނޭއިރު، ތަހުގީގު ނިމި، އެކަށީގެންވާ ހެއްކާއި ގަރީނާ ލިބެމުންދާ ވަރަކަށް މައްސަލަތަކުގައި ދައުވާ ކުރައްވަމުން ގެންދަވާނެކަން ޕީޖީ ވަނީ މީގެ ކުރިންވެސް ފާހަގަ ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟