ޚަބަރު

މާސްކު ނާޅައި ސައިކަލުގައި ދާ މީހުން ހުއްޓުވަނީ މާސްކު އެޅުން ޕްރޮމޯޓުކުރުމަށް: ޑރ. އަފްޒަލް

މަރިޔަމް ޝަހުދާ

މާސްކު ނާޅައި ސައިކަލުގައި ދާ މީހުން ހުއްޓުވަނީ މާސްކު އެޅުން ޕްރޮމޯޓުކުރުމަށް ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ހިނގާފައި އުޅޭ އިރު ބޮޑަށް ރަނގަޅީ މާސްކު އެޅުން ކަމަށެވެ.

މީގެ އިތުރުން ފިހާރަތަކަށް ވަންނައިރު ނުވަތަ އެކި ކަންކަމުގައި ކިޔޫގައި ޖެހޭއިރު މާސްކު އަޅަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ސައިކަލުގައި ދާ އިރު މާސްކު ނާޅާ މީހުން ހުއްޓުވަނީ މާސްކު އެޅުމަށް ގިނަ މީހުން އަހުލުވެރިކޮށް، އެކަން ޕްރޮމޯޓު ކުރުމަށް ކަމަށް ޑ. އަފްޒަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ނިއު ނޯމަލްއަށް އާންމުން އަހުލުވެރިކޮށް، ނިއު ނޯމަލްގެ ކަންކަމަށް އާންމުން ފަރިތަ ކުރުމަށް ފުލުހުން އެކި ކަންކަން ހަނދާން ކޮށްދޭނެ ކަމަށެވެ.

އެގޮތުން މާސްކު އެޅުމުގެ އިތުރުން، ކުޑަކުދިން މަގުމައްޗަށް ނެރުމަށް ކަނޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތުތަކުގައި ކުދިން ނެރޭނަމަ އެކަން ނުކުރުމަށް ފުލުހުން ހަނދާން ކޮށްދޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ގައިދުރުކަން ބެހެއްޓުމަށާއި، ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅޭނަމަ އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ހަނދާން ކޮށްދޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މާސްކު އަޅަންޖެހުން މަޖުބޫރީ ބަންދުވެފައިވާ ތަނެއްގައި ގިނަ މީހުން އެއްވެ އުޅޭ ކަމަށްވާނަމަ ކަމަށެވެ. އެގޮތުން ފިހާރަ ފަދަ ބަންދު ތަންތަނަށް ވަންނަ އިރު މާސްކު އެޅުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.