ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފުލުހުންގެ ހައްގުގައި ބަސް ނުބުނެވޭނަމަ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވައްދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ވަނީ ފުލުހުންނާއި އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ފުލުހުންނަށް ބާރުތައް ނުދިނުމަށް ވެސް މެންބަރުން ދަނީ ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ މެންބަރު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ފުލުހުންގެ އަގު ވައްޓައި ނަފްރަތު އުފައްދަމުންދިޔަ އިރު އިމްރާނަށް ފުލުހުންގެ ހައްގުގައި ކުރެވުނީ ކޮންކަމެއްތޯ ސުވާލު އުފައްދައިފައެވެ.
"ޕޮލިސް ހައްގުގައި ބަސް ނުބުނާނަމަ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން. ނޫނީ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވައްދާނަން،" ނަޝީދު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން ފުލުހުންގެ ތެރޭގައި ތިބީ ރަނގަޅު ތައުލީމެއް، އަދި ރަނގަޅު ތަމްރީނެއް ހަދާފައި ތިބި ބައެއް ނޫން ކަމަށް ސިފަަކޮށް ބައެއް މެންބަރުން ވާހަކަދައްކަވާފައިވާތީ، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ 34 ޕަސެންޓު ފުލުހުންގެ އަތުގައި އޭލެވެލް އަށްވުރެ މަތީ ފާސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވެސް ވަނީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން، ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިންތަކެއް އުޅޭ "ޕެކެއް"ގެ ގޮތުގައި ސިފަކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މި ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، އެބޭފުޅުންނަކީ ފުލުހުންގެ އިދާރާ ކަމަށް ދެކިގެން ބައެއް ބޭފުޅުން ހިޔާލުފާޅު ކުރައްވަމުން އެބަ ގެންދަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.