މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއިން މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބު އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ޓެކްސް ކެނޑުމަށްފަހު އެކުންފުންޏަށް ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ.
"ހިއްސާދާރުންނަށް 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު -/5 ރުފިޔާގެ ހިއްސާއަކަށް -/2 ރުފިޔާ ބަހާގޮތަށް 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް މި ޖަލްސާއިން ވަނީ ނިންމަވާފައި،" ބަޔާނުގައިވެއެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ބުކް ކްލޯޒް ކުރާ ތާރީހާ ހަމައަށް އެކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ.
މިިދިޔަ އަހަަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ 2018 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާ ނުބެހުމަށް ފާސްކޮށްފައެވެ. 2018 ވަނަ އަހަރު ސާފު ފައިދާ، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ކެނޑުމަށްފަހު އެކުންފުންޏަށް ލިބިފައިވަނީ 34 މިލިއަން ރުފިޔާއެވެ.