މާލެއިން ގއ. މާމެންދުއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވެފައިވަނީ ފިރިހެނެއް ކަމަށާއި އެމީހާ ޕޮޒިޓިވްވީ މިއަދު ކަމަށް ޒައީމް ވިދާޅުވިއެވެ.
ޒައީމް ވިދާޅުވީ، އެމީހާއަކީ ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާގެ އުމުރަކީ 28 އަހަރެވެ. އަދި އެމީހާ ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ގއ. މާމެންދޫގައި ކޮވިޑަށް މީހަކު ޕޮޒިޓިވްވި އިރު، މާލެއިން އައްޑުއަށް ގޮސް ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކުވެސް މީގެ ކުރިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، ބަލި ޖެހުނު 80 އިންސައްތަ މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ކޮވިޑު ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ އަށް މީހެކެވެ.