ޚަބަރު

އިންޑަސްޓްރިއަލް ވިލެޖްގައި ހުރި ވެހިކަލްތައް ހަފްތާއެއްގެ ތެރޭގައި ނަގަން އަންގައިފި

މާލޭގެ ހުޅަނގު ފަރާތުން ހިއްކައިގެން ހަދާފައިވާ މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ކައުންސިލާއި ވެމްކޯ ގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް ހަފްތާއެއްގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގާ ކަމަށެވެ.

އެ މުއްދަތުގައި ތެރޭގައި އެތަކެތި ނުނަގައިފިނަމަ ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ޒިންމާ ނުވާނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

އޭގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުގައި ހުރި އިންޖީނު ނެތް ވެހިކަލްތައް ވެސް ހަފްތާއެއްގެ ތެރޭގައި ނަގަން އަންގައި، އެތަކެތި ނުނަގައިފިނަމަ އުކާލާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި ކުނިތައް ގިނަވެ، ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ލިބެމުން ދަނިކޮށް، ޕްލޭނިން މިނިސްޓްރީން ވަނީ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.