ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ބުނީ ބޭންކިންގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަނެޓް ބޭންކިން ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައިން ރަޖިސްޓާ ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތަށް ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީއެމްއެލްގައި މިހާރުވެސް ބޭނުންކުރަމުން އަންނަ އެކައުންޓަކާއި ކާޑެއް އޮންނަ ކަސްޓަމަރުންނަށެވެ. އަދި ކަސްޓަމަރުގެ ފޯން ނުވަތަ އީމެއިލް އެޑްރެސް ބޭންކުގައި ރަޖިސްޓްރީކޮށްފައި އޮންނަންވާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
"އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާވުމަށް ސައިންއަޕް ބަޓަންއަށް ފިތާލުމަށްފަހު ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި އޯޓީޕީ ފޮނުވުމަށް އެދޭ ގޮތް މޯބައިލް ނުވަތަ އީމެއިލް ހިޔާރުކުރެވޭނެ. ރަޖިސްޓާ ކުރަމުންދާއިރު އޯޓީޕީ ފޮނުވުމަށް ހިޔާރުކުރާ ގޮތަކީ ބޭންކުގައި ރަޖިސްޓާވެފައިވާ މޮބައިލް ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ވާންވާނެ،" ބީއެމްއެލުން ބުންޏެވެ.
އޯޓީޕީ ޖެހުމަށްފަހު ބޭންކުން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ރަޖިސްޓްރޭޝަންގެ ސައްހަކޮށްލެވޭނެ ކަމަށެވެ. އެއާއެކު ވަގުތުން ޔޫސާ ނޭމް އަދި ވަގުތީ ޕާސްވޯޑެއް ކަސްޓަމަރަށް ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
"ފުރަތަމަ ލޮގިން ކުރުމަށް ކަސްޓަމަރުން ބޭނުން ކުރާނީ މި ޕާސްވޯޑެވެ. އެއަށްފަހު އިރުޝާދު ދީފައިވާ ގޮތަށް ޕާސްވޯޑް ބަަދަލުކުރަންޖެހޭނެ،" ބަޔާނުގައިވެއެވެ.
ބީއެމްއެލުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ. އެގޮތުން ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން، ޕޭމަންޓް ގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ހިމެނެއެވެ.
ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތައަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތައް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން 87 އިންސައްތަ ކަސްޓަމަރުން މިހާރުވެސް އިންޓަނެޓް ބޭނުންކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ.