ކޮވިޑް 19 ޖެހި، އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް 90 ޕަސެންޓް މީހުން ތިބީ ގޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތައް ބެލުމަށް އެޗްޕީއޭ އާއި އެމްއެންޔޫ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައި އޮންލައިން ސާވޭތަކެއް ވަނީ ކޮށްފައެވެ.
އެ ސާވޭގެ ފުރަތަމަ ބުރުގައި 2871 މީހެއްގެ ފަރާތުން މައުލޫމާތު އެއްކުރިއިރު، ފުރަތަމަ ބުރުގެ ސާވޭން ދައްކާގޮތުގައި ކޮވިޑާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ސާވޭގައި ބައިވެރިން ދީފައިވަނީ 10/7 އެކެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ބުނި ގޮތުގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި، ކޮވިޑް ފެތުރިދާނެ ކަމަށްޓަކައި އެމީހުން ތިބީ ގޭގައެވެ. އަދި 94 ޕަސެންޓް މީހުންނަށް ކޮވިޑުގެ އަލާމާތްތައް އެނގޭއިރު ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތައް އެނގެނީ ސާވޭގައި ބައިވެރިވި 85 ޕަސެންޓް މީހުންނަށެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅިގެން ކަރަންޓީން ކުރުމުން ނުވަތަ ލޮކްޑައުންގައި ބޭރުގައި މަސައްކަތް ކުރަން ޖެހުމުން މީހުން ތިމާއާ މެދު ދެކޭނެ ގޮތް ބަދަލުވެދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ 37 ޕަސެންޓް މީހުންނެވެ. އަދި ކޮވިޑް ލޮކްޑައުންއާ ގުޅިގެން ގޭތެރޭގައި ގައިދުރުކަން ނުގެންގުޅެވިދާނެ ކަމުގެ ކަންބޮޑުވުން 33 ޕަސެންޓް މީހުން ވަނީ ފާޅުކޮށްފައެވެ.