ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،530 ފްލެޓުގެ ފުރަތަމަ ސްޓްރަކްޗާ ނިންމާލައިފި

އަލީ ޔާމިން

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،530 ފްލެޓުގެ ފުރަތަމަ އިމާރާތުގެ މެއިން ސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ސޯޝަލް ހައުސިންގެ އެ ޕްރޮޖެކްޓަކީ މެދުފަންތީގެ މީހުންނަށް އަމާޒުކޮށްގެން ޗައިނާ ޑިވެލޮޕްމެންޓް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ކުރިއަށްގެންދާ 1،530 ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ފުރަތަމަ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފައިވާ ކަމަށާއި އިގުތިސާދީ ގޮތުން ރާއްޖެ އަރައިގަތުމަށް އެއީ މުހިންމު ޕޮރޮޖެކްޓެއް ކަމަށެވެ.

"ސީއެމްއީސީ އަށް އިލްތިމާސް ކުރަން، މި ޕްރޮޖެކްޓު ވަގުތަށް ނިންމާލުމަށް. ކޮވިޑް 19ގެ ހާލަތަށްފަހު ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް މިއީ މުހިއްމު ޕްރޮޖެކްޓެއް،" ސަފީރު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި އަދި އިމާރާތްކުރަމުން އަންނަ ގިނަ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ.