ޚަބަރު

"މާމިގިލި އަދި ކުޑަހުވަދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ހުއްދަދޭނީ ހަމައެކަނި ޓްރާންސްޕޯޓު މިނިސްޓްރީންނެއް ނޫން"

މަރިޔަމް ޝަހުދާ

މާމިގިލި އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ހުއްދަދޭނީ ހަމައެކަނި ޓްރާންސްޕޯޓު މިނިސްޓްރީން ނޫން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދެ އެއާޕޯޓުން މިވަގުތު ހުށަހަޅާފައިވަނީ ޕްރައިވެޓް ޖެޓުތައް އޮޕަރޭޓް ކުރުމަށް ކަމަށެވެ. އަދި މި ދެ އެއާޕޯޓަށް ވެސް އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް ހުއްދަ ދެވޭނީ އެއާ އޮޕަރޭޓް ސެޓްފިކެޓް ލިބުމަށްފަހު ވެސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އެއާޕޯޓުގައި ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކުގެ އިތުރުންވެސް ފުރިހަމަކުރަން ޖެހޭ އެހެން ކަންކަން ފުރިހަމަކުރަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނުގައި މި ދެ އެއާޕޯޓު ހިމަނާފައި ނުވުމުގެ ސަބަބުން މި ދެ އެއާޕޯޓާ ގުޅޭގޮތުން ގޮތް ނިންމާނީ ހަމައެކަނި އެ މިނިސްޓްރީން ނޫން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާފަރު އެއާޕޯޓަށް ވެސް އަދި އިންޓަނޭޝަނަލް އޮޕަރޭޝަންތައް ކުރުމުގެ ހުއްދަ ނުދޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ހަފުތާގައި މާފަރު އެއާޕޯޓަށް ޖައްސާފައިވާ އިންޓަނޭޝަނަލް ފްލައިޓުތަކަކީ ވަގުތީ ހުއްދައެއްގެ ދަށުން ޖައްސާފައިވާ ޗާޓަރު ފްލައިޓުތަކެކެވެ. އަދި މާފަރު އެއާޕޯޓުގައި އިންޓަނޭޝަނަލް އޮޕަރޭޝަންތައް ކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ އެ އެއާޕޯޓުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެއެވެ.

އެގޮތުން މާފަރު އެއާޕޯޓުންވެސް ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ކުރާ ބަދަލުތައް އެ ޓާމިނަލަށް ގެންނަން ޖެހޭ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާނެ ކަމަށް މާފަރު އެއާޕޯޓުން ވަނީ ސިވިލް އޭވިއޭޝަނަށް އަންގައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޓެސްޓު ފްލައިޓު ޖައްސާ ނިމިފައިވާ މާވަރުލު އެއާޕޯޓުގެ ހިދުމަށް ފެށުމަށް މިހާރު ވަނީ ނިންމައިފައެވެ. އެގޮތުން މި އެއާޕޯޓުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.