ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިން އިސްލާހުކުރަން ނިންމައިފިއެވެ.
މި ގައިޑްލައިން އިސްލާހު ކުރަން ނިންމަވާފައިވަނީ ރައީސް އޮފީހުގައި ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ޕޮލިސީ ޓާސްކް ފޯސްއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ. އެގޮތުން މި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް އަލި އަޅުވާލައި، މި ގައިޑުލައިނުގެ ބައެއް މާއްދާތައް އިސްލާހު ކުރުމަށް ރައީސް ސޯލިހު ވަނީ ނިންމަވައިފައެވެ.
މި ބައްދަލުވުމުގެ އެޖެންޑާއަށް ދިއުމުގެ ކުރިން އަންނަ މަހު ތެރޭ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ރައީސް ސޯލިހު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނާ ގުޅެގޮތުން ޓާސްކްފޯހުގެ މެންބަރުންގެ ހިޔާލު ހޯއްދެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޓާސްކްފޯހުގެ މެންބަރުންވަނީ ފަތުރުވެރިން ރާއްޖެ އަންނައިރު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާއާއި ފަތުރުވެރިން ކޮވިޑް 19 އަށް ޓެސްޓު ހެދުމާ ގުޅޭ ގޮތުން ހިޔާލު ހުށަހަޅުއްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިން އައިސޮލޭޓް ކުރުމާ ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކާ ގުޅިގެންވެސް މަޝްވަރާ ކުރިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހި ރައްޔިތުންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިން އަދި ރާއްޖޭގައި އުޅޭ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ޓާސްކްފޯހުގެ މަޝްވަރާތަކުގެ މަތިން ރައީސް ސޯލިހު ވަނީ މި ގައިޑްލައިނުގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ނިންމަވައިފައެވެ.
"ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ނަމުގައި ރައީސް އުފައްދަވާފައިވާ މި ޓާސްކްފޯސް ހިނގަމުން ދަނީ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ތިން މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ.