ޚަބަރު

ޖީހާނަށް ގަމުން ގޯތި ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އަލީ އަފާފު ރަމީޒު

1

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް، ލ. ގަމުން ދޫކުރާ ގޯއްޗަށް ޝަރުތު ހަމަވާ ވަރަށް ޕޮއިންޓް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ މީޑީއާ އޮފިޝަލް ވަން އަށް ވިދާޅުވީ އެކޮމިޝަނުން ބަލަމުން އަންނަނީ ގަމުން ގޯތި ދޫކުރުމުގައި އެރަށު ކައުންސިލުން އަމަލު ކޮށްފައިވާ ގޮތާ ގުޅޭ މައްސަލައެއް ކަމަށެވެ. އެމައްސަލައިގެ ތެރޭގައި ޖީހާނަށް ގޯތިދިން މައްސަލަވެސް ހިމެނޭ ކަމަށެވެ.

"އެމައްސަލަ ބަލަން ފަށާފައިވަނީ ސޯޝަލް މީޑިއާއިން ފެނުނު ޕޯސްޓްތަކަކާ ގުޅިގެން، މިއީ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަމުން އަންނަ މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެއްވެސް ކަމެއްގައި އެއްވެސް ވަރަކަށް ސުވާލު އުފެދިފައިވާ ނިޒާމަކުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ވިދާޅުވެ، ޖީހާނަށް ގަމުން ލިބުނު ގޯތި ދޫކޮށްލަން ވަނީ ހުށަހަޅުއްވައިފައެވެ. ޖީހާން ގޯތި ދޫކޮށްލުމާ ބެހޭގޮތުން ގަމު ކައުންސިލަށް ހުށަހަޅުއްވާފައި މިވަނީ، އެކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ. އަދި މައްސަލަ ހިނގައިގެން އުޅޭގޮތެއް ބަލައިދިނުމަށް ޖީހާން އެދިވަޑައިގެންފައި ވެއެވެ.

އެކަމާ ގުޅިގެން ގަމު ކައުންސިލުން ބުނީ ޖީހާން ގޯއްޗަށް އެދި ހުށަހެޅި ފޯމު އިވެލުއޭޓް ކުރުމަށްފަހު ޕޮއިންޓް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ ދިހަ ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައި ވާނީ އެ ކައުންސިލުގެ ގޯތި އިވެލުއޭޓްކުރާ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.

ގަމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑެއް ކަމުގައި ގޯތި އިވެލުއޭޓް ކުރާ ކޮމިޓީން ކަނޑަޅާފައިވާ މިންގަނޑަކީ ރަށުން ބޭރު މީހެއް ނަމަވެސް ގޯއްޗަށް އެދުނު މީހާގެ ރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅުމާއި، ދެމަފިރިންގެ ދަރިން ގަމުގައި ރަށްވެހިވެފައި އޮތުން ކަމަށް ކައުންސިލުން ބުނެ އެވެ.

ގަމުން 400 ގޯތި ދޫކުރަން ނިންމައި، ކައުންސިލުން އާންމުކުރި ވަގުތީ ލިސްޓުން ދައްކާގޮތުގައި ޖީހާނަށް ވަނީ 71 ޕޮއިންޓު ލިބިވަޑައިގެންފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟