ޚަބަރު

އާދީއްތަ ދުވަހު ހިފާ އިރުކޭތަ އެންމެ ރީތިކޮށް ފެންނާނީ އުތުރުގެ އަތޮޅުތަކަށް: މެޓް

މުހައްމަދު އައުޒަމް

އާދީއްތަ ދުވަހު ހިފާ އިރުކޭތަ އެންމެ ރީތިކޮށް ފެންނާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ވިދާޅުވީ އާދީއްތަ ދުވަހު ހިފާ ކޭތަ ރާއްޖެއަށް ފެންނާނީ ބައި ކޭތައެއްގެ ގޮތުގައި ކަމަށެވެ.

މުސްލިމް ވިދާޅުވީ ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑީން ހެނދުނު 08:45 ގައި ކަމަށާއި ކޭތަ ވީއްލާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 14:30 ގައި ކަމަށެވެ. ރާއްޖެއަށް ފެންނަން ފަށާނީ ހެނދުނު 09:30 ހާއިރު އުތުރުގެ އަތޮޅުތަކަށް ކަމަށް މުސްލިމް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ފެށިގެން މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކޭތަ ފެންނަ އިރު ފެންނާނީ ފަނޑު ކޮށެވެ. ރާއްޖޭ ގަޑިން މެންދުރު 01:30 ހާއިރު ކޭތަ ފަނޑުވާން ފަށާނެކަމަށް މެޓުން ބުނެއެވެ. ކޭތަ އެންމެ ފުރިހަމަކޮށް އިރާއި ދުނިޔެއާއި ހަނދު އެއް ލައިނަކަށް އެތުރޭވަގުތު އިރުވަށައިގެން ރިންގެއް ގޮތަށް ދިއްލިފައި ހުންނަ މަންޒަރު ރާއްޖެއަކަށް ނުފެންނާނެއެވެ.

އިރުކޭތަ ހިފާ ވަގުތު ކޭތަ ބެލުމުގައި ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ކޭތަ ހިފާފައި ހުންނަ ވަގުތު ހުރަހެއް ނެތި އިރަށް ބެލުމަކީ ލޮލުގެ ފެނުމަށް ނުރަނގަޅު އަސަރުކުރުން އެކަށީގެން ވާ ކަމެކެވެ.

އާދީއްތަ ދުވަހު ހިފާ އިރުކޭތަ ދަތުރު ކުރާ މަގު --

މި އިރުކޭތަ އެންމެ ފުރިހަމަކޮށް ފެންނާނީ އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރުން އޭޝިއާއިން ޕާކިސްތާނު، އިންޑިއާ އަދި ޗައިނާގެ ސަރަހައްދުތަކަށެވެ. މިސަރަހައްދުތަކަށް ފުރިހަމަ އިރުކޭތައެއް ފެންނާނެ އެވެ.

އާދީއްތަދުވަހު ހިފާ އިރުކޭތައިގެ ފަހުން ދެން އެންމެ އަވަހަށް އިރުކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އަންނަ މަހު ހަނދުކޭތައެއް ހިފާނެއެވެ.