އެމްއީއެސް ހިންގަން މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާ ކުރުމުން ބަދަލު ނަގައިދެވެން ނެތް ކަމަށް އެކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލުކޮށްލައިފި އެވެ.
ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ އެއްބަސްވުން އުވާލީ އޭގައި ބަޔާންކުރާ ގޮތާ ހިލާފަށް ކަމަށެވެ. އެހެން ކަމުން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު، މަންދު ކޮލެޖް ހިންގާ ފަރާތަށް ލިބޭ ކަމަށެވެ.
މަންދު ކޮލެޖް ހިންގަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑެވެ. މަންދު ކޮލެޖްގެ ވެރިޔާއަކީ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ.
އެމްއީއެސްގެ މަސްއޫލުވެރިންނާއި އެޑިއުކޭޝަނާ ދެމެދު އެއްބަސްވުމެއް ހެދީ 2008 ވަނަ އަހަރުގެ ޑިސެމްބަރު 28 ގައެވެ.
އޭގެ ފަހުން އެމްއީއެސްގެ ކުރީގެ މަސްއޫލުވެރިންގެ ހައްގުތައް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރީ 2010، އޭޕްރީލް 6 ގައެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ އެއްބަސްވުން ބާތިލު ކުރީ 2015، ޖެނުއަރީ 25 ގައެވެ.
އެ މައްސަލައާ ގުޅިގެން 2017 ވަނަ އަހަރުގެ އޮގަސްޓް 29ގައި ސިވިލް ކޯޓުން ނިންމީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ނޭންގޭނެ ކަމަށެވެ.
ނަމަވެސް އެ ހުކުމް މާލޭ ހައި އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމާފައި ވަނީ އެ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާއި ހިލާފަށް ކަމަށެވެ. އަދި މާލެ ހައި އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.