ޚަބަރު

15،000 އަށް ވުރެ މަތިން މުސާރަ ލިބޭ އެމްޓީސީސީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

މަރިޔަމް ޝަހުދާ

އެމްޓީސީސީގެ މުވައްޒަފުންގެ ތެރެއިން 15،000 އަށް ވުރެ މަތިން މުސާރަ ލިބޭ އެމްޓީސީސީ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ކޮވިޑްގެ ހާލަތާއި ގުޅިގެން ކުންފުނީގެ ވެރިންގެ މުސާރަ މިހާރުވެސް ވަނީ ކުޑަކޮށްފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިހާތަނަށް މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެނައި ނަމަވެސް އަންނަ މަހު ބައެއް މުވައްޒަފުންގެ މުސާރައަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ ކަމަށެވެ.

"މުސާރައެއް އަދި ކުޑައެއް ނުކުރަން. އެހެން ނަމަވެސް 15،000 އަށް ވުރެ މަތިން ލިބޭ މުވައްޒަފުންގެ މުސާރަ މި އަންނަ މަހުން ފެށިގެން ކޮންމެވެސް ވަރަކަށް ކުޑަވާނެ. 15،000 އަށް ވުރެ ކުޑަކޮށް ލިބޭ މުވައްޒަފުންގެ މުސާރައަކާ ނުކުޅެން"

އާޒިމް ވިދާޅުވީ މިވަގުތު ކުޑަކޮށްފައިވަނީ އެމްޑީ އަދި ޑީއެމްޑީގެ މުސާރަ ކަމަށެވެ. އެގޮތުން މުސާރައިގެ %30 އިންސައްތަ ކުޑަކޮށްފައިވާނެ ކަމަށް އާޒިމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ބޯޑް އެލަވަންސް ވެސް ނުނެގުމަށް ނިންމަވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ދާދި ފަހުން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން 15،000 އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލަން އަންގައިފައެވެ. އަދި ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައެވެ.