ޚަބަރު

ތިން ދުވަސްތެރޭ 446 ދިވެހިން ރާއްޖެ ގެނެސްފި

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 446 ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހާއި ބުދަ ދުވަހު މެލޭޝިއާ އިން 198 ދިވެހި މޯލްޑިވިއަން ފްލައިޓުގައި ގެނެވިފައިވާ ކަމަށާއި އަދި އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޫރުން 54 ދިވެހިން އަދި ނޭޕާލުން ހަތް ދިވެހިން ގެނެސްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިއްޔެ މެލޭޝިއާ އިން 175 ދިވެހިން ގެނެސްފައިވާ އިރު، އިންޑިއާގެ ދިއްލީން 10 ދިވެހިން ގެނެސްފައިވާ ކަމަށެވެ. އަދި މިއަދު ދިއްލީން ދެ ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެެވެ.

މިނިސްޓްރީން ބުނީ ރިޕަޓްރިއޭޝަން ފްލައިޓުތަކުން ޖާގަ ލިބުމުން، އެ ފުރުސަތު ބޭނުން ނުހިފާ ކަމަށާއި މިފަދަ ފުރުސަތުތަކަކީ ބޭނުން އިރަކު ލިބޭނެ ފުރުސަތުތަކެއް ނޫން ކަމަށެވެ. އަދި ފްލައިޓުތައް އޮންނަ ތާރީހުތަކުގައި ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ ފަރާތްތައް ރާއްޖެއަށް އައުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"އެންމެ ފަހުން ލަންކާއިން އައި ފްލައިޓުގައިވެސް ގިނަ އަދަދެއްގެ ހުސް ޖާގަ ހުރި. އެހެންނަމަވެސް އަނެއްކާވެސް އަނބުރާ އަންނަން ބޭނުންވެގެން ލަންކާގައި ތިބި ބައެއް ދިވެހިން އެބަ އެދޭ،" މިނިސްޓްރީން ބުންޏެވެ.

ކޮވިޑް 19އާ ގުޅިގެން ގައުމުތައް ލޮކްޑައުން ހާލަތުގައި އޮތްއިރު ސަރުކާރުން އަންނަނީ އެ ގައުމުތަކާ މަޝްވަރާކޮށް ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތަށް ރާއްޖެ އަންނަ މީހުން ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހު މަޑުކުރަން ޖެހެއެވެ.