ދިވެހިންގެ ތެރޭގައި އެކި ކަހަކަ މޯބައިލް ގޭމްސް އަށް އަބަދުވެސް ވަރަށް ބޮޑު ފޯރިއެއް އޮވެއެވެ. އެގޮތުން ޕްލެޔަރ އަންނޯންސް ބެޓަލް ގްރައުންޑް ނުވަތަ ޕަބްޖީ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލު ގޭމެކެވެ. ޕަބްޖީ ކުޅެނީ ހަމައެކަނި ޒުވާނުންނެއް ނޫނެވެ. އެކި އުމުރު ފުރައިގެ މީހުން މިގޭމް ވަރަށް ފޯރިއާއއެކު ކުޅެއެވެ.
ޕަބްޖީ އަކީ 4 މީހުންގެ ޓީމަކާ އެކީ ނުވަތަ ދެމީހުން އަދި އެކަނި ވެސް ކުޅެވޭ ގޭމެކެވެ. ގޭމް ކުޅޭ ގަަޑީގައި ޓީމުގައި ދެން އުޅޭ ބައިވެރިންނާވެސް ގުޅައިގެން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކޭނެއެވެ. ޕަބްޖީގައި ވާގޮތް އަދި އެ ގޭމް ކުޅެނީ ކިހިނެއްކަން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ.
ގޭމް ފަށާއިރު ޖުމްލު 100 މީހުން ތިބޭނެއެވެ. އެއީ މުޅިންވެސް 4 މީހުންގެ ޓީމުތަކެވެ. އެހެންކަމުން ޗިކެން ޑިނާ ލިބޭނީ ޓީމުތަކުގައި އުޅޭ މީހުން މަރަމުން ގޮސް، އެންމެ ފަހަށް މަރުނުވެ ތިބޭ ޓީމަށެވެ. ބައެއް ފަހަރު ގޭމް ފަށަން 100 މީހުން ހަމަ ނުވާނަމަ، މީހުން ހަމަކުރަން ބޮޓުން ހިމަނާނެއެވެ.
ބޮޓުންނަށް ރަނގަޅަށް ކުޅޭކަށް ނޭނގޭނެއެވެ. ދެތިން ފަހަރު ވަޒަން އަރާއިރަށް މަރުވާނެއެވެ. އާއްމުކޮށް އެކުވެރިންނާއެކު ޓީމު ހަދައިގެން ކުޅޭއިރު، ޓީމުގައި އެންމެ އަވަހަށް ކޮންމެ ފަހަރަކު މަރުވާ މީހާއާ ދިމާއަށް ޖެއްސުމަށްވެސް ބޮޓެކޭ ކިޔާނެއެވެ. ކޮންމެ ޓީމެއްގައިވެސް ބޮޓުން އުޅޭނެއެވެ. އެމީހުންނަކަށް ރަނގަޅަށް ކުޅޭކަށް ނޭނގޭނެއެވެ. ވަޒަނެއް އަރާއިއިރަށް މަރުވާނެއެވެ.
ޕަބްޖީގެ ބޮޓުން އަހަރެމެންގެ ތެރެޔަށްވެސް މިހާރު ތައާރަފުވެއްޖެ އެވެ. އަވަހަށް ބަލިވާ މީހާ ނޫނީ އަވަހަށް ފެއިލިވާ މީހާވެސް މިހާރު ވަނީ ބޮޓުންނަށެވެ. މިއާޓިކަލް ކިޔުއްވީތީ ޝުކުރިއްޔާ އެވެ. ތިޔަބޭފުޅާގެ ޓީމުގައި ތިބި ބޮޓުންނަކީ ކޮބައިތޯ އެވެ؟