ޚަބަރު

މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރަން އެމްޑީއޭގެ އިޖުތިމާއީ ކައުންސިލްގެ ރައީސް ޒިޔާދު ނިކުންނަނީ

3

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަންޗަންގޯޅީ މެދު ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވަން އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު އަދި އިޖުތިމާއީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ނިންމަވައިފި އެވެ.

"ދާއިރާގެ ދަރިއެއް، ދާއިރާއަށް" ސްލޯގަންގެ ދަށުން ޒިޔާދު ވަނީ އޭނާ މަޖިލީހަށް ކުރިމަތިލައްވާ ކަމާއި ނުކުންނަވާނީ މައްޗަންގޯޅި މެދު ދާއިރާއަށްކަން މިއަދު އިއުލާނުކުރައްވައިފަ އެވެ.

އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ، އަދި އެމްޑީއޭ އުފެދުނީއްސުރެ އެޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޒިޔާދަކީ ކުރީން އެމްޑީޕީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އަކީ މައްޗަންގޯޅިއަށް ނިސްބަތްވާ އެމްޑީޕީގެ ރަސްމީ ގޮތްޕެއް ކަމަށްވާ "އަދަބީ ޗަމަން"ގެ ކުރީގެ ރައީސް އެވެ. އޭރު އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ޒިޔާދު ފެނިގެންގޮސްފައިވެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ޒިޔާދު މިއަދު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައީސް ނަޝީދު މައްޗަންގޯޅިއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތެވެ. އަދި ރައީސް ނަޝީދަށްވުރެ ބޮޑަށް ދާއިރާގެ އިހުސާސްތައް ވެސް އެނގިވަޑައިގަންނަވާނީ އޭނާއަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ގ. ކެނެރީގޭ މުހައްމަދު ނަޝީދު މައްޗަންގޯޅިއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ވެސް ނެތް. މީ އަޅުގަނޑުގެ ދާއިރާ. މިދާއިރާގެ ރައްޔިތުންގެ އިހުސާސްތައް އަޅުގަނޑަށް މާ ރަނގަޅަށް އެނގޭނެ. އެ ރައްޔިތުންގެ ހައްގުގައި ކުރާން ޖެހޭ މަސައްކަތްތައް ވެސް އަޅުގަނޑަށް މާ ފުރިހަމައަށް ކުރެވޭނެ." ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ އޭނާ ކުރިމަތިލައްވާނީ އެމްޑީއޭގެ ޓިކެޓުގައިތޯ ނުވަތަ އަމިއްލަ ގޮތުންތޯ އަދި ނުނިންމަވާ ކަމަށެވެ.

ދާއިރާގެ ރައްޔިތުންނާވެސް މަޝްވަރާކޮށް އެންމެ މަސްލަހަތުހުރި ގޮތަކަށް ނުކުންނާނީ. ރައީސް ނަޝީދާ ޗެލެންޖު ކުރެވޭނެ." ޒިޔާދު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟