ޚަބަރު

މާފުށީ ޖަލަށް އެތެރެ ކުރާ ފޯނުތަކުގެ ސައިޒު ކުދިވެއްޖެ، މިއަދު އަތުލައިގަތީ ތިން އިންޗީގެ ފޯނެއް

މަރިޔަމް ޝަހުދާ

މާފުށީ ޖަލަށް ވަގަށް އެތެރެ ކުރާ ފޯނުތައް ކުރިއާ އަޅައިބަލާއިރު މިހާރު ވަރަށް ކުދި ކަމަށާއި މިއަދުވެސް ޖަލުން ތިން އިންޗީގެ ފޯނެއް އަތުލާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށް ވަގަށް އެތެރެ ކުރާ ތަކެތި ހޯދުމަށް އެކި ވަސީލަތްތަކާއި އާ ގޮތްތައް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޖަލަށް ވަގަށް ތަކެތި އެތެރެ ކުރާ މީހުންގެ އުކުޅުތައްވެސް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއެކު މިހާރު ޖަލަށް އެތެރެކުރަނީ ކުރިއަށް ވުރެ ކުދި ސްމާޓް ފޯނުތައް ކަމަށް ވިދާޅުވިއެވެ.

އަހުމަދު މުހައްމަދުފުޅުގެ ޓުވީޓުގައި ވަނީ މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ތިން އިންޗީގެ ފޯނުގެ ފޮޓޯ އާންމު ކުރައްވައިފައެވެ. ފޮޓޯ އިން ފެންނަ ގޮތުގައި މި ފޯނު ވަނީ ބޭސް ފުޅިލާ ވައްތަރުގެ ފޮށިގަނޑަކަށް ލައިފައެވެ.