އިބްރާހިމް ޒަކީ
ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގާ ޖަރީމާ ތަކަކީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް، ކަމަށް ކުރީގެ އުއްތަމަ ފަނޑީޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. އަހުމަދު އަބުދުﷲ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކަމަކީ ސުޕްރީމްކޯޓުގެ އަމުރާ ހިލާފަށް ޖޭއެސްސީން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.
ޑރ. އަހުމަދު އަބުދުﷲ ދީދީ މިހެން ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރުގެ ޖޫން 19 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި، ޖުޑީޝަލް އެކަޑެމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ޕޯސްޓަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.
"ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހިންގާ ޖަރީމާ ތަކަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް، އެއީ ތަރައްގީ ވެފައިވާ ތަހުޒީބު ދުނިޔޭގައި ހިންގާ ކަންތައްތަކެއް ނޫން،" ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް، އަނެއްކާ ވެސް ޖޭއެސްސީ އިން ބަލަން އިއްޔެ ނިންމުމާ ގުޅިގެން، ޖުޑީޝަލް އެކެޑެމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އަބްދުﷲ އަލީ އަކީ ރާއްޖޭގެ ޖުޑީޝަރީގައި ނަޒާހަތްތެރިކަމާ އެކު، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށެވެ.
އެ މައްސަަލައަކީ ޖޭއެސްސީ ގެ އިހުތިސާސްގެ ތެރެއިން ބެލޭނެ މައްސަލައެއް ނޫންކަން ފާހަަގަ ކުރައްވައި މާޖިދު ވިދާޅުވެފައިވަނީ، ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ބަހަނާޔަކަށް ހަދައިގެން، ގާޒީ އަބްދުﷲ އަލީއާ ދިމާ ކުރަމުން ގެންދަނީ، ޖޭއެސްސީގެ ވަސީލަތުން، ސިޔާސީ ވަކި ބާރެއްގެ ޕަޕެޓަކަށް ސިވިލް ކޯޓު ނުހެދިގެން ކަމަށެވެ.
"އެއިގެ އެންމެ ބޮޑު ހެއްކަކީ، އަބްދުﷲ އަލީއާ ދެކޮޅަށް ބެލުމަށް ނިންމައިފައި ވާ "މައްސަލަ" އަކީ ޖޭއެސްސީ ގެ އިހުތިސާސްގެ ތެރެއިން ބެލޭނެ ވެސް މައްސަލައެއް ނޫންކަމެވެ. "ކޯޓަށް ހުށައެޅިފައި ވާ މައްސަލައެއްގައި، ދައުވާ ކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރު ވުމަށް އައްޔަން ކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރު ނުކޮށް މައްސަލަ ބާތިލު ކުރުމަކީ" ގަލާއީ ނިންމުމެކެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ މީހަކަށް ކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ނުވަތަ އިސްތިއުނާފަށް ދިޔުމަށް ދޮރު ވަނީ ހުޅުވިފައެވެ. ނަމަވެސް އެއްވެސް ގަލާއީ ނިންމުމެއް، ނިންމީ ގޯސްކޮށް ކަމަށް ބުނެ ކުރެވޭ ޝަކުވާއެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަކަށް ނުބެލޭނެއެވެ. މި މިންވަރު ނުދަންނަ ބަޔަކު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިބުމަކީ ވެސް، ބެއިތިއްބުމަކީ ވެސް، ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ހިންގަމުން ގެންދާ ޖަރީމާއެކެވެ.،" މާޖިދު ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލަ ބަލައި އޭނާ ސަސްޕެންޑްކުރަން ނިންމުމާ ގުޅިގެން 2019 ވަނަ އަހަރުުގެ ޖޫން 17 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ގޮތް ނިންމުމުގެ ބާރު ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިގެން ނުވާ ކަމަށެވެ. އަދި ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ނިިންމުންތަކެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާކަން ފާހަގަކޮށް، އެ އަމުރުގައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
ޖޭއެސްސީގެ އެ އަމަލަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކޮށްފައިވާ ދުސްތޫރާ ހިލާފު އަމަލެއް ކަމަށް އެ އަމުރުގައި ވެއެވެ. އަދި އެ ކޮމިޝަންގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ނިންމާ އެހެން ހުރިހާ ނިންމުންތަކެއް ވެސް ބާތިލްވާނެ ކަމަށާއި އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާނެ ނިންމުންތަކެއް ކަމަށް ވެސް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރުގައި ވެ އެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ޖޭއެސްސީން ހިންގާ ކޮންމެ އިޖްރާއާތެއް ވެސް ބާތިލްވާނެ ކަމަށާއި އެ ކޮމިޝަންގެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ނިންމާ ނިންމުންތައް ވެސް ބާތިލްވާނެ ކަމަށް ވަނީ ބުނެފަ އެވެ.
"އިސްވެ އިޝާރާތް ކުރެވުނު އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، މިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށާއި އިދާރާތަކަށް އަންގަމެވެ." އަމުރުގައި ވެ އެވެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރުނީ، ޖޭއެސްސީގެ އެ ނިންމުން ބާތިލްކުރަން ފަނޑިޔާރު އަހުމަދު އަބުދުﷲ ދީދީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުންނެވެ.