ޚަބަރު

"މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ ރައީސާ ހިއްސާކުރައްވައިފި

އަލީ ޔާމިން

ފަތުރުވެރިކަން އަލުން ހުޅުވާލާއިރު އަމަލުކުރާނެ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން އެއްވެސް ޓެކުހެއް ނުވަތަ ފީއެއް ނުނެގުމަށާއި ކަރަންޓީން ނުވެ ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތް ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށް އެދިފައެވެ.

މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ޑްރާޕްޓް ކަރުދާސް ދިރާސާކުރި އިގުތިސާދީ ކޮމިޓީން ވަނީ ޓޫރިސްޓުންގެ އަތުން ކޮވިޑް ޓެކްސްގެ ގޮތުގައި އަށް އެމެރިކާ ޑޮލަރު ނަގަން މަޖިލީހުން ސަރުކާރަށް ހުށަހެޅުމަށް ނިންމައިފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ މި ހާލަތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަތުން އިތުރު ޓެކުހެއް ނަގަން ދެކޮޅު ހައްދަވައިފައެވެ. އަދި އެހެން ގައުމަތަކަށްވުރެ ރާއްޖޭން ޓޫރިސްޓުންގެ އަތުން ނަގާ ފީތަކުގެ އަގާއި އިތުރު އަގުތައް ވެސް ކުޑަވާން ވާނެ ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވީ އިތުރު އެއްވެސް ޓެކްސްއަކާއި ފީއެއް ނުނެގުމަށް ސަރުކާރަށް މަޖިލީހުން ހުށަހެޅުމަށެވެ. އެ ހުށަހެޅުމާއެކު ކޮމިޓީގެ ރިޕޯޓް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.