އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އެއް އަޖައިބު ކަމަށް ވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
އިންޑިއާގެ އާގަރާގައި ހުންނަ ތާޖް މަހަލަށް ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތް ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑު ވަޒީރުގެ އިތުރުން އެ ގައުމުގެ ރައީސް، ނައިބު ރައީސް އަދި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ބައްދަލު ކުރައްވާފައެވެ.
ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ހަތަރު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވާއިރު، އިއްޔެ އިންޑިއާގައި ކުރިއައްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ނިންމެވި ނިންމެވުންތަކުގެ މައުލޫމާތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ސޯލިހު ވަނީ ދެއްވަވާފައެވެ.