ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއާއެކު އިތުރު ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުުވުމުގައި ބަލަން ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ އަލީގެ އިތުރުން ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ މައްސަލައަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ، ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއާ ގުޅޭގޮތުން ބަލަން ނިންމާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރު ނުކޮށް މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ ތަހުގީގު ކުރަން ނިންމާފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ބަޔާންކުރާ ފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމަށް ހަމަޖެއްސުމުގައި އޭނާގެ އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީއާ ގުޅޭގޮތުން ތަހުގީގު ކުރަން ނިންމާފައިވަނީ ހަތަރު މައްސަލައެކެވެ. އެއީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި މީހުންނާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖައާކޮށް ގޮތް ނިންމި ކަމަށް ބުނެވޭ މައްސަލައަކާއި، އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ފުލުހުންގެ އިދާރާއިން ހިންގި ތަހުގީގަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ، މީހަކު ބަންދުގައި ބެހެއްޓުމާ މެދު ގޮތް ނިންމިއިރު ހަގީގަތާ ހިލާފަށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް އަމަލުކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ، މި މައްސަލަތައް ތަހުގީގުކުރުމަށް އެ ކޮމިޝަންގެ ކަމާބެހޭ ކޮމިޓީން ނިންމާފައިވާތީ އެ މައްސަލަތައް ތަހުގީގުކުރާނެ ތަހުގީގު ކޮމިޓީތައް މިއަދު ބޭއްވި ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.