ރާއްޖޭގެ ބޭރުގެ ދަރަނީގެ 45 ޕަސެންޓް ދައްކަން ޖެހެނީ ޗައިނާގެ ބޭންކުތަކަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލައި، ނެރުނު "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: ސްޓޯމީ ސީޒް" ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް 19ގެ ކާރިސާގެ އިތުރުން ވެސް ރާއްޖޭގެ ބޭރުގެ ދަރަންޏަކީ ދިމާވެފައި އޮތް ގޮންޖެހުމެއް ކަމަށެވެ.
އެގޮތުން މިއަހަރު ވެސް ބޭރުގެ ދަރަނީގެ ގޮތުގައި 219.2 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއިން ދައްކަން ޖެހެއެވެ. އޭގެ 45 ޕަސެންޓަކީ ޗައިނާގެ ތިން ބޭންކު ކަމަށްވާ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ އާއި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާާ އަދި ޗައިނާ ޑިވެލޮޕްމަންޓް ބޭންކަށް ދައްކަންޖެހޭ ވަރެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުން ޗައިނާއިން ފަސްކޮށްދިން ނަމަވެސް އެކަމުގެ ތަފުސީލެއް ފިނޭންސް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް ޗައިނާގެ ބޭންކުތަކަށް ދައްކަން ޖެހެނީ ރާއްޖޭގައި ހިންގި އަދި ހިންގަމުން އަންނަ ބޮޑެތި ޕްރޮޖެކްޓްތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ. އެގޮތުން އެންމެ ބޮޑެތި ލޯނުތަކެއް ނަގާފައިވަނީ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ ބޭންކުންނެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން އެ ބޭންކުން ޖުމްލަ ހަތަރު ޕްރޮޖެކްޓަކަށް 321 މިލިއަން ޑޮލަރު ނަގާފައިވެއެވެ.
އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ނަގާފައިވާ ލޯނުތަކުން ހިންގާ ޕްރޮޖެކްޓުތައް:
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ބޭރުގެ ލޯނުތަކަށް އެދޭނަމަ މިއަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 78.9 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 93.8 ޕަސެންޓަށް އަރާފާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.