އަލީ ޔާމިން
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލައިފިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާއަކީ ކުރީގެ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ ސަރުދާރު ދޮންމަނިކެވެ. އޭނާގެ އުމުރަކީ 92 އަހަރެވެ.
ސަރުދާރު ދޮންމަނިކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 28 ގައެވެ. ކޮވިޑަށް ޕޮޒިޓިވްވުމާއެކު އޭނާއަށް ފަރުވާދެމުން ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
ކޮވިޑްގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަންދޫބު، މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އައި 92 އަހަރުގެ ފިރިހެން މީހާ ބަލިން ރަނގަޅުވެ، މިއަދުގެ ވަގުތެއްގައި ގެއަށް ދޫކޮށްލައިފައިވާ ކަމަށެވެ.
ސަރުދާރު ބަލިން ރަނގަޅުވިއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 130 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން މިހާތަނަށް މަރުވެފައިވަނީ އަށް މީހެކެވެ.