ޚަބަރު

ފިޔަވަޅުތައް ވަރުގަދަކޮށް، މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވް ވެފައިވަނީ މަޖިލީހުގެ އިދާރާގެ މެއިންޓަނަންސް ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފަކެވެ. އޭނާ އެންމެ ފަހުން އޮފީހަށް ނުކުމެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެކަމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމާއި، މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑާ ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްދާނެ ކަމަށެވެ.

ބަޔާނުގައި ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށިއިރުވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. އަދި ރޯގާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ އަމާޒު ކަމަށްވެސް ބަޔާނުގައިވެއެވެ.

"ކޮވިޑާ ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިއުމުގެ މުހިއްމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރައްވާފައިވޭ،" ބަޔާނުގައިވެއެވެ.

އެ މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވީކަން މަޖިލީހަށް އެނގުނީ މިއަދުގެ ޖަލްސާ ކުރިޔަށްދިޔަ ވަގުތުގައެވެ. އަދި މަޖިލީހުގެ އެޗްއާރު ޑިޕާޓްމެންޓުން ވަނީ 30 މިނެޓު ތެރޭ ހުރިހާ މުވައްޒަފުން ވެސް ގެޔަށް ދާން އަންގައިފައެވެ. މަޖިލީހުގެ އިދާރާއިން މުވައްޒަފުންނަށް އެގޮތަށް އެންގީ އެޗްއާރު ޑިޕާޓްމެންޓުން މުވައްޒަފުންގެ ވައިބަރު ގުރޫޕުގައި ލިޔުނު މެސެޖެއް މެދުވެރިކޮށެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ޕޮޒިޓިވްވީ މުވައްޒަފު ވަނީ ދާދި ފަހުން މަޖިލީހުގައި ކުރިޔަށްގެންދިޔަ ފޮޅައި ސާފުކުރުން އަދި މެއިންޓެނަންސްގެ އެކި ކަންކަމުގައި ހަރަކާތްތެރިވެފައެވެ. މަޖިލީހުގެ ބައެއް މުވައްޒަފުންނާއި އޭނާއާ ބައްދަލުވެފައިވާނެ ކަމަށާއި މެންބަރުންނާ ވެސް ބައްދަލުވެފައި ހުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވަން އަށް މައުލޫމާތު ދިން މަސްދަރުން ބުނެއެވެ.