އަލީ ޔާމިން
ރާއްޖޭގައި މަސައްކަތްކުރާ އދ.ގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ކޮވިޑް 19އާ ގުޅިގެން ތަފާތުކުރުމެއް ނެތި އެންމެންނަށް އެއް ހަމައެއްގައި ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ ކަމަށް އދ.އިން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮވިޑާ ގުޅޭގޮތުން އެޖެންސީތަކާއެކު މަޝްވަރާކުރައްވައި، މި ހާލަތުގައި އދ. އާއި އދ.ގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު ތަނބުތައް ކަމަށްވާ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި މޫސުމީ ބަދަލުތަކާ ބެހޭ ގޮތުންވެސް އެޖެންސީތަކާއެކު މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އެޅުމަށް ރާވަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މައުލޫމާތު ދެއްވައިފައެވެ. އަދި ހަމައެއާއެކު ނޭޝަނަލް ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައި، މިހާރުވެސް އދ.ގެ ބައެއް އެޖެންސީތަކުން ޓާސްކް ފޯސްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ސަރުކާރަށް އދ.ގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ އދ.ގެ އެޖެންސީތަކުން ވަނީ ކޮވިޑް 19 އާ ގުޅިގެން އެ އެޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރު ޝާހިދަށް އަރުވައި، ކުރިއަށް އޮތްތަނުގައި ފޯރުކޮށްދޭން ނިންމާފައިވާ އެހީތަކާ ގުޅޭގޮތުންވެސް މައުލޫމާތު އަރުވާފައިވެއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ކޮވިޑާ ކުރިމަތިލުމުގައި އދ.ގެ އެހީތެރިކަން ލިބުނު ފަދައިން، ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އަރައިގަތުމުގައިވެސް އދ،ގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންސް ކޯޑިނޭޓަރު، ކެތަރިން ހަސްވެސް އާއި ޑަބްލިޔުއެޗްއޯގެ މަންދޫބު، ޑރ. އަރްވިންދް މާތޫރާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއާއި ޔުނިސެފްގެ މަންދޫބު އެމް މުނީރް ސަފީލްދީން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ އދ.ގެ އެކި އެޖެންސީތަކުގެ ވެރިންނާއި މަންދޫބުން ބައިވެރިވެފައިވެއެވެ.