ޚަބަރު

ގާނޫނާ ހިލާފުވެގެން އެމްޑީއޭ، ޑީއާރުޕީ އަދި އެމްޓީޑީއަށް ފިޔަވަޅު އަޅަން ނިންމައިފި

ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާ މެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެމްޑީއޭއަށް ފިޔަވަޅު އަޅާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީއެވެ. އީސީން ވަނީ އެޕާޓީ 50,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އެޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށްވެސް އީސީގެ ބަޔާނުގައިވެއެވެ.

އެމްޓީޑީން އސިޔާސީ ޕާޓީގެ ގާނޫނުގައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، އެ ޕާޓީ 30,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އީސީން ބުނީ ޑީއާރުޕީއަށް ފިޔަވަޅު އަަޅާފައިވަނީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން އެ ފައިސާ ދެއްކުމަށް ކޮމިޝަނުން އެންގުމުންވެސް މިހާތަނަށް ފައިސާ ދައްކާފައިނުވާތީ ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓުވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އީސީން ބުނީ ޑީއާރުޕީގެ އަސާސީ ގަވައިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާ ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް އެ ޕާޓީއަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި އެކަންކަން އިސްލާހު ނުކޮށްފިނަމަ އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާ ބެހޭގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށްވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.