ޚަބަރު

ކޮވިޑާ ގުޅިގެން އެއް ބިލިއަން ޑޮލަރުގެ އުނިކަމެއް ބަޖެޓަށް އަންނާނެ: ރައީސް

އަލީ އަފާފު ރަމީޒު

1

ކޮވިޑް 19އާ ގުޅިގެން އިގުތިސޯދީ ގޮތުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެއް ބިލިއަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު ބައްޔާ ކުރިމަތިލުމަށް ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބައްޔާ ގުޅިގެން އިގްތިސޯދީ ގޮތުން ލިބުނު ގެއްލުންތައް ދައުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވޭ. އެގޮތުން އެއް ބިލިއަން ޑޮލަރުގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ބަޖެޓުގެ ހަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭ ކަމަށެވެ.

ރައީސް ވަނީ ރާއްޖޭގެ ބޯޑަރުތައް ވަރަށް އަވަހަށް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރައްވައިފައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ ތިން ވޯކިން ގްރޫޕް ކަމަށްވާ، ވޯކިން ގްރޫޕް އޮން ފައިނޭންސް އާއި ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓާގެ ވޯކިން ގްރޫޕުން ވަނީ ހަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިއަށްގެންދަން ރާވާފައިވާ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހަޅައިފައެވެ.

އެގޮތުން އެ ޕްރެޒެންޓޭޝަންތަކުގައި ހިމެނެނީ ކޯވިޑާ ގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީ ކަންކަން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި، އިގުތިސޯދު ނެގެހެއްޓުމާއި އިގުތިސޯދީ ކަންކަން ކުރިއަށްގެންދިއުމުގައި އެންމެ މުހިންމުކަން ދޭނެ ދާއިރާތަކެވެ. މީގެ އިތުރުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނާއި، ސޯޝަލް ސެކްޓާ އިން ސިއްހީ ދާއިރާ ވަރުގަދަކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމާއި، ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ގޮތްތައް ހިމެނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ހުށަހަޅުއްވައިފައެވެ.

ރައީސް ވަނީ މިއަދުގެ ބައްދަލުމުގައި ތިން ވޯކިން ގުރޫޕުން ހުޅަހެޅި ހުށަހެޅުންތަކާއި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟