ޚަބަރު

އަންނަ މަހު 1 އިން ފެށިގެން އޮންލައިންކޮށް ޗެކިން ވެވޭނެ: މޯލްޑިވިއަން

އަލީ އަފާފު ރަމީޒު

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފުލައިޓްތަކަށް އޮންލައިންކޮށް ޗެކިން ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ މިއަދު ވިދާޅުވީ، އޮންލައިންކޮށް ޗެކިން ކުރެވޭނެ ނިޒާމް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުންނަށް އޮންލައިންކޮށް ޗެކިން ކުރެވޭނެ ކަމަށެވެ.

ޖެނިފާ ވިދާޅުވީ މި ދަނޑިވަޅުގައި އެ ކުންފުނިން އެންމެ ބޮޑަށް ބާރުއަޅަނީ ޓިކެޓް ނެގުމަށް އޮފީހަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ޓިކެޓް ގަތުމަށް ކަމަށެވެ. އަދި މޯލްޑިވިއަންގެ މެއިލްއަށް އައިޑީކާޑުގެ ކޮޕީއާއެކު މެއިލްކުރުމުން އޮންލައިންކޮށް ޓިކެޓް ބުކްކުރުމާއި ޓިކެޓް ގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ،

"އަޅުގަނޑުމެން މިހާރު ބޮޑަށް ބާރުއަޅަނީ އޮންލައިންކޮށް ޓިކެޓު ގަތުމާއި މީހުން ނައިސް ޓިކެޓްގެ ކަންކަން ކުރިއަށްގެންދިއުމަށް, އެކެއް ޖުލައިގައި އޮންލައިން ޗެކިންވެސް ފެއްޓޭނެ." ޖެނިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯޑަރު ހުޅުވާލާއިރު، ބަލާނީ ކުރިންވެސް ދަތުރުކުރި ހުރިހާ މަންޒިލަކަށްވެސް ދަތުރު ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވި ވަގުތު މޯލްޑިވިއަން އޮތީ ގައުމީ ހިދުމަތުގައި ކަމަށާއި ބަލި ފެތުރިދާނެ ކަމަށް ދަތުރު ނުކޮށް ނުތިބޭނެ ކަމަށެވެ.

"ލޮކްޑައުން ތެރޭ ޗައިނާ އަށްވެސް ދިޔަ. އިންޑިއާ އިން ގެންނަން ޖެހުނު ބޭސް ގެނައުމަށްވެސް ދަތުރު ބޭއްވި،" އޭނާ ވިދާޅުވި އެވެ.

ޖެނީފާ ވިދާޅުވީ މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށާއި ދަތުރު މަތީގައި މުވައްޒަފުން ތިބޭނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހެދުން އަޅައިގެން ކަމަށެވެ. އަދި އެހެން ސްޓާފުންވެސް މަސައްކަތާ ގުޅޭ ޕީޕީއީ ބޭނުން ކުރާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.