ޚަބަރު

ކޮމަންޑޫ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ށ. ކޮމަންޑޫ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮއްޓަށް ބޭނުންވާ ކީ-ވޯލް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 14،000 ކިއުބިކް މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ނެރު ފުން ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން ބަނދަރު ހެދުމަށް ބޭނުންވާ 35،000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ފުން ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަސައްކަތްތަކުގެ އިތުރުން 12 މީޓަރަށް ބޭރު ތޮށި ޖެހުމާއި، 20 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި 190 މީޓަރު އެއްގަމު ތޮށި ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ދިގުމިނާއި ފުޅާމިނުގައި 11 މީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެއާއެކު ދެ ނެރުބައްތި ޖަހާނެ ކަމަށާއި ބަނދަރު ސަރަހައްދުގައި 19 ލައިޓު ހަރުކުރުމުގެ އިތުރުން 10 މޫރިން ބްލޮކް ހަރުކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް މުޅި މަޝްރޫއުގެ %47 މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. އަދި މިދިޔަ އަހަރު އޮގަސްޓު މަހު އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މި މަސައްކަތުގެ އީއައިއޭ އެޕްރޫވަލް ލިބިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއަކީ 29.41 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.