ކޮވިޑް 19އާ ގުޅިގެން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މެދުކަނޑާލި އިނގިރޭސި ޕްރިމިއާ ލީގު މިރޭ އަލުން ފަށާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަލަމުން އަންނަ ދުނިޔޭގެ އެންމެ މަގުބޫލު އެއް ލީގު ބަލަން ކެތްމަދުވެފައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބިގެންދިޔަ އުފާވެރި ހަބަރަކަށް މި ހަބަރު ވެގެންދާނެއެވެ.
ލީގުގައި ރާއްޖެ ގަޑިން މިރޭ 10:00ގައި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ އިރު، މިރޭ 12:15 ގައި ފަށާ މެޗުގައި މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ލީގުގެ ބާކީ 92 މެޗުގެ ކުޅުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޮވިޑާ ގުޅިގެން ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ކުޅުމަށް ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.
ލީގުގެ ފުރަތަމަ ހަފުތާގެ މެޗުތައް ފެށުމުގެ ކުރިން ކޮވިޑް 19ގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް ނިންމާފައިވާ އިރު، ފްރަންޓްލައިންގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ކުޅުންތެރިއެއްގެ ޖާޒީގެ ކުރިމަތީގައި "ހިތެއް"ގެ ޑިޒައިނަށް ބެޖެއް ހަރުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ދެން ފެންނާނެ އެންމެ ބޮޑު ބަދަލެއް ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ ކުޅުންތެރިންގެ ނަމުގެ ބަދަލުގައި "ބްލެކް ލައިވްސް މެޓާސް" ޖާޒީގެ ފަހަތުގައި ޖަހާފައި ހުރުމެވެ. އެގޮތުން ފުރަތަމަ 12 މެޗުގައި ޓީމުތަކުގެ ޖާޒީގައި މި ލިޔުންކޮޅު ބޭނުންކުރަން ނިންމީ އެމެރިކާގެ ފުލުހުންތަކެއް މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ހަނދާން އާކުރުމުގެ ގޮތުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ލީގުގެ އެއްވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލެވެ. ނުވަ މެޗުން ހަ ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ. މިއީ 30 އަހަރަށް ފަހު ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދާނެ ފުރަތަމަ ފަހަރެވެ. ލީގުގެ 16 ޓީމަކަށް ބާކީ ނުވަ މެޗު އޮތްއިރު ހަތަރު ޓީމަކަށް ބާކީ ދިހަ މެޗު އެބައޮތެވެ.