ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ ދަށުން އޮޕަރޭޓްކުރާ ހުރިހާ އެއާޕޯޓެއް އަންނަ ހޯމަ ދުވަހަށް ނިއު ނޯމަލްއަށް ތައްޔާރުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވީ، އެ ކުންފުނިން ހިންގަމުން އަންނަ އެއާޕޯޓްތައް ނިއު ނޯމަލްގައި ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ މާފަރު އިންޓަނޭޝަނަލްގެ އިތުރުން ތިމަރަފުށި އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި އިފުރު އެއާޕޯޓް ހޯމަ ދުވަހަށް ތައްޔާރުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ރިޒްވީ ވިދާޅުވީ، މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށްދަނީ މާފަރު އެއާޕޯޓް އިންޓަނޭޝަނަލްކޮށް އޮފަރޭޝަނަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ކޮލިޓީ އިބްރާހިމް އިޔާސް ވިދާޅުވީ، ހަފުތާއެއްގެ ތެރޭގައި މާފަރު އެއާޕޯޓުގެ އެތެރޭގެ މަސައްކަތްތައް ނިމި ބައިނަލްއަގުވާމީ ދަތުރުތަކަށް ތައްޔާރުވާނެ ކަމަށެވެ. އަދި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އެއާޕޯޓުގައި މާކު ޖެހުން ފަދަ ކަންކަން ބާރަށް ކުރިއަަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނީގެ ޑިރެކްޓާ އޮފް ގުރައުންޑް އޮޕަރޭޝަން އަހުމަދު އިބްރާހިމް ވިދާޅުވީ، ނިއު ނޯމަލްއަށް ސީޕްލޭން ޓާމިނަލް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އިޖުތިމާއީ ގައިދުރުކަމާ އެއްގޮތަށް ސީޕްލޭން ކައުންޓަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ހަފުތާގެ ތެރޭގައި އެކަން ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަން ނިމޭއިރު އެތަނުގައި ހުންނާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، މުވައްޒަފުންގެ ރައްކާތެރިކަން ވެސް ކަށަވަރުކުރެވިފައި ކަމަށާއި ޕެސެންޖާ ޕްރޮޓެކްޝަން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.