ޚަބަރު

ރައީސް ސޯލިހު ހަނުހުންނަވަނީ ފުލުހުން ސައިޒުކުރައްވަން ބޭނުންފުޅުވާތީ: އާދަމް ޝަރީފް

އަލީ އަފާފު ރަމީޒު

ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ޔުނިފޯމާއި ފުލުހުންގެ އިމާރާތުގެ ނަން ބަދަލު ކުރަން ބަހުސް ކުރެވެމުންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނަވަނީ ފުލުހުން ސައިޒު ކުރަން އެމަނިކުފާނު ވެސް ބޭނުންފުޅުވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހި ފުލުހުންގެ މަރުކަޒާއި ކުލަ އަދި ނަންވެސް ބަދަލުކުރަން ޖެހޭކަމަށް މެމްބަރުން ވިދާޅުވާ ކަމަށެވެ

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބިލުން މަޖިލީހަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޔުނިފޯމާއި ފުލުހުންގެ އިމާރާތުގެ ނަން ބަދަލުކުރަން މަޖިލީހުގައި ބަހުސް ކުރެވެމުންދާއިރު، ރައީސް ސޯލިހު ހަނު ހުންނަވަނީ ފުލުހުން ސައިޒު ކުރަން އެމަނިކުފާނު ވެސް ބޭނުންފުޅުވާތީ ކަމަށެވެ.

"މިއީ ރާއްޖޭގެ އަމަން އަމާން ކަމަށް ހީނަރުކަން އަންނާނެ ކަމެއް، ރިފޯމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި ފުލުހުންނަށް ބާރުތައް ނުދިނުމަށް ވެސް މެންބަރުން ދަނީ ގޮވާލަމުންނެވެ.

އެބިލްގެ ބަހުސްގައި މެންބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ހިތްހަމަޖެހިވަޑައިނުގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން، ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިންތަކެއް އުޅޭ "ޕެކެއް" ގެ ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ތެރޭގައި ތިބީ ރަނގަޅު ތައުލީމެއް، އަދި ރަނގަޅު ތަމްރީނެއް ހަދާފައި ތިބި ބައެއް ނޫން ކަމަށް ސިފަަކޮށް ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާތީ، ސީޕީ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 34 ޕަސެންޓު ފުލުހުންގެ އަތުގައި އޭލެވެލް އަށްވުރެ މަތީ ފާސް އޮންނާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު މިއަދު ވިދާޅުވި އެބޭފުޅުންނަކީ ފުލުހުންގެ އިދާރާ ކަމަށް ދެކިގެން ބައެއް ބޭފުޅުން ހިޔާލު ފާޅު ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ އެބޭފުޅާއާ ޒާތީ ގޮތުން އެކަތި ކަމުގައި ދެކި ހިޔާލު ފާޅުކުރާ ބަޔަކުވެސް އެބަތިބި ކަަމަށެވެ.

ފުލުހުންގެ ބިލާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލުފާޅުކުރުންތަކެއް އެބަހުރި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި އެ ބިލަށް ފުރިހަމަޔަށް ބަހުސް ކުރެވި އިސްލާހު ގެނައުން ކުރިޔަށް ގެންދަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.