ކޮވިޑް 19 އާ ގުޅިގެން އިގުތިސާދަށް އައި ހީނަރުކަމުން އަރައި ނުގަނެވެނީސް މިނިމަމް ވޭޖް ކަނއަޅަން ފެނިވަޑައިނުގަންނަވާ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން އެކަމަށް ރައްދު ދެއްވައިފި އެވެ.
އަލީ ހުސައިން އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ވިދާޅުވެފައިވަނީ ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާ ކަމެއް އިތުރަށް ލަހެއް ނުކުރެވޭނެ ކަމަށެވެ. މިނިމަމް ވޭޖަކީ 2008 ގައި ކުރުމަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމުން މިހާރު އެކަމަށް 12 އަހަރުވީ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ މި ދަނޑިވަޅަކީ ދުވަހަކުވެސް ދަށަށް ނުދާ ވަރަށް ރާއްޖޭގެ އިގުތިސާދު ދަށަށް ގޮސްފައިވާ ދަނޑިވަޅަކަށް ވާތީ، ވަޒީފާ އަދާކުރާ ފަރާތްތަކަށްދޭ އެންމެ ކުޑަ އުޖޫރަ (މިނިމަންވޭޖް) މިވަގުތު ކަނޑައަޅަން ނުފެންނަ ކަމަށެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާ ތާއީދުކުރެއްވި ނަމަވެސް އެކަން ކުރެވެން އޮތީ މިއަހަރުގެ ޖެނުއަރީގައި ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށް އަނބުރާ ދެވުމުން ކަމަށެވެ. ޖެނުއަރީގައި އިގުތިސާދު އޮތް ހިސާބަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިވަގުތުވެސް ޕަބްލިކް ސެކްޓަރުގައި ތިބި 44،838 މުވައްޒަފުންގެ ތެރެއިިން 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށްވުރެ ދަށުން ލިބޭ މުވައްޒަފުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި މެންބަރުން ވިދާޅުވީ، މިއީ މިނމަމްވޭޖް ކަނޑައަޅަން އެންމެ މުހިއްމު ވަގުތު ކަމަށާއި އަންނަ އަހަރު ޖެނުއަރީ އެކަކުން ފެށިގެން މިިނިމަމްވޭޖް ލިބޭގޮތަށް ގާނޫނަށް ގެންނަ އިސްލާހުގައި ހިމެނުން މުހިއްމު ކަމަށެވެ.
މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅައި، އެންމެ މަތީ ކެޓަގަރީއަށް 8000 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6000 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4000 ރުފިޔާ ކަނޑައަޅަން މެންބަރުން ވަނީ އެ ބިލުގައި ހިމަނަން ހުށަހަޅައިފައެވެ.