ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވާތީ، އެގައުމުން ނުގެނެވިފައިވާ އެސްޓީއޯގެ ބޭސް ސިޕްމެންޓެއް ގެނައުމުގެ ހުއްދަ އިންޑިއާއިން ދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އެސްޓީއޯއިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު، ބޯޑަރުތައް ބަންދުވުމުގެ ސަބަބުން ނުގެނެވިފައި ވަނިކޮށް، އެތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުން ކުރެވޭ ބައެއް ސާމާނުވެސް ހިމެނޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވާތީ، ރާއްޖެއަށް ގެންނަން ބޭނުންވާ ބައެއް ތަކެތި ގެނައުމަށް އެގައުމުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
މީގެ ކުރިންވެސް ވަނީ އެސްޓީއޯގެ ބޭސް ސިޕްމެންޓްތައް އިންޑިއާއިން ގެނެސްދީފަ އެވެ. އެ ޝިޕްމެންޓްތައް ގެނައީ އިންޑިއަން އެއާ ފޯސް އެއާކްރާފްޓެއްގަ އެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން ބައެއް ސާމާނުތައް ވެސް ގެނައުމަށް އެގައުމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.