ޚަބަރު

ބިދޭސީ އަކަށް އަނިޔާކުރި މައްސަލައިގައި އަށް ފުލުހަކަށް ދައުވާ ކުރަނީ

އަލީ އަފާފު ރަމީޒު

1

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ރޭ މާފަންނު "އުޖާލާ" ގެޔަށް ވަދެ، ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި އަށް ފުލުހަކަށް ދައުވާ ކުރަން ނިންމައިފި އެވެ.

ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ގެޔަކަށް ވަދެ ބިދޭސީ މީހާއަށް އަނިޔާ ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެ، އެމައްސަލަ ހޫނުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އެ އޮފިސަރުން ސަސްޕެންޑްކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވީޑިއޯ އާންމުވި ރޭ ވިދާޅުވެފަ އެވެ.

ފުލުހުން މިއަދު ބުނީ އެމައްސަލައާ ގުޅިގެން 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ދައުވާކުރުމަށް އެދި މިދިޔަ އަހަރުގެ 31 އޮކްޓޯބަރުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އަށް ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީން ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތް ނުވާ އައިއޯއީންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ.

އާންމުވި އެވީޑިއޯގައި އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ. އެގޮތުން އޭނާ ފާރާލައި ފިއްތާލައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދޭ މަންޒަރުވެސް އެވީޑިއޯއިން ފެނެއެވެ.

އެމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިންވެސް ބެލި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟