ޚަބަރު

ޕޮލިސް ރިފޯމް އެޖެންޑާގައި ސިޓީ ޕޮލިސް ތައާރަފު ކުރުމަށް ހިމެނުމަކީ މުހިއްމު ކަމެއް: މޭޔަރު ޝިފާ

މަރިޔަމް ޝަހުދާ

ޕޮލިސް ރިފޯމް އެޖެންޑާގައި ސިޓީ ޕޮލިސް ތައާރަފު ކުރުމަށް ހިމެނުމަކީ މުހިއްމު ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ޖެހޭ ކަމަށާއި، އެކަން ފުލުހުންވެސް ގަބޫލު ކުރާ ކަމަށްބުނެ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ސިޓީ ޕޮލިސް ތައާރަފު ކުރުމުން ރައްޔިތުންނާއި ސީދާ ގުޅުން ހުރި މަސައްކަތްތައް ހަމަޔަކަށް ގޮސްފިކަމުގެ އިހުސާސު ވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"ސިޓީ ޕޮލިސް" އަކީ ސިޓީތަކުގައި ހަރަކާތްތެރިވާ ފުލުހުންނެވެ. ފުލުހުންގެ އިދާރާގައި ހަރަކާތްތެރިވާ ފުލުހުންނަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި އެމީހުންގެ ވަޒީފާ އަދާ ކުރެވުނު ނަމަވެސް ސިޓީ ޕޮލިސް އަކީ ވަކި ސަރަހައްދެއް ނުވަތަ ވަކި ސިޓީއެއް ބެލެހެއްޓުމަށް ހާއްސަ ބައެކެވެ.