ޚަބަރު

ގެވެށިއަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލަން ފުލުހުންނަށް އެކަށޭނެ ތަމްރީނު ދޭންޖެހޭ: ރޮޒެއިނާ

މަރިޔަމް ޝަހުދާ

ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލަން ފުލުހުންނަށް އެކަށޭނެ ތަމްރީނު ދޭން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތައް އާންމު ކުރުމަށް ފުލުހުން ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ ރަށްރަށުގައި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ މާއްސަލަތަކުގައި މަސައްކަތް ކުރާ ފުލުހުން މަސައްކަތާއި ގަޔާވެގެން މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ފާހަގަވާ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މިފަދަ މައްސަލަތައް ބަލާ މީހުން ވާންވާނީ މަސައްކަތާއި ގަޔާވެގެން މަސައްކަތް ކުރާ، އެކަމަށް ސެންސިޓިވް ފުލުހުންނަށް ކަމަށެވެ. އަދި މި އޮފިސަރުންނަކީ އެކަށޭނަ ޓްރެއިނިން ދެވިފައިވާ ބަޔަކަށް ހެދުމަށް ރޮޒެއިނާ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މާލޭގެ ވިލީ ފުލުހުގައި މަސައްކަތް ކުރާ ފުލުހުންނަށްވެސް ކަމަށް އެކަށޭނަ ތަމްރީނުތައް ދިނުމަކީ މުހިއްމު ކަމެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ މައްސަލައެއް ރިޕޯޓު ކުރުމަށް ދާ މީހުންނަށް ދޭން ޖެހޭ ސަމާލުކަން ވަރަށް ގިނަ ފަހަރަށް ނުދެވޭ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން މައްސަލަޔަށް ބޭނުންވާ ހެކި ގެއްލިގެންދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.