ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު މޮނީޓާކުރުމަށް މިނިވަން، މުސްތަގިއްލު މަގާމެއްގެ ގޮތުގައި އުފެއްދި އޮމްބަޑްސްޕާސަންގެ މަގާމަށް ހުށަހަޅާފައިވާ ނިއުމާތު ޝަފީގުއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނު ބުނާ ގޮތުން މުސްތަގިއްލު މަގާމެއްގެ ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް އައްޔަނު ކުރަން ޖެހެއެވެ.
އެ މަގާމަށް މީހަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަގާމަށް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅަންޖެހެއެވެ.
ރާއްޖޭގެ ގާލް ގައިޑު އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ނިއުމާތުގެ ނަން ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ނިއުމާތުއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޝަކުވާ ހުށަހަޅާ މީހާގެ ނަމާއި ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް މަޖިލީހުގެ ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލްކޮށް ނުވަތަ މަޖިލިހުގެ އިދާރާއަށް ލިޔުމެއް ފޮނުވައިގެން ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ މަގާމަށް އައްޔަނު ކުރާ މީހަކަށް 35،000 ރުފިޔާގެ މުސާރައެއް ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މިދިޔަ މަހުގެ ތެރޭގައި ފާސްކޮށްފައެވެ.