ޚަބަރު

އަންނަ ހޯމަ ދުވަހު މަޖިލިސް ކުރިމަތީގައި މުޒާހަރާކުރަނީ

އައިދާ އަބްދުލް ހަކީމް

އަންނަ ހޯމަ ދުވަހު މަޖިލިސް ކުރިމަތީގައި "މަޖިލިސް ހޭލައްވާލާ މުޒާހަރާ"ގެ ނަމުގައި މުޒާހަރާކުރުމަށް ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި" އިން ނިންމައިފިއެވެ.

ނަވާނަވައިގެ ސްޕޯކްސްޕާސަން ފާތިމަތު ސާއިރާ "ވަން" އަށް ވިދާޅުވީ މަޖިލިސް ކައިރީގައި މުޒާހަރާކުރަން ނިންމީ މިފަދަ ދަތި ދަނޑިވަޅެއްގައި ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކަށް އިސްކަން ނުދީ ބޭކާރު ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުންދާ ދިއުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ އަޑު އުފުލުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި އަޑު އުފުލާ ކަންކަމުގެ ތެރޭގައި ކޮވިޑާ ގުޅިގެން ރައްޔިތުންގެ ގިނަބައެއްގެ ވަޒީފާ ގެއްލުމުން ދޭން ބުނި އެލަވަންސް ވެސް މިހާތަނަށް ގިނަ ބަޔަކަށް ނުލިބުން ހިމެނޭ ކަމަށެވެ. އެ އެލަވަންސް ލިބިފައިވަނީ 200 އެއްހާ މީހުންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގިނަބަޔަކު ތިން އިރު ހަމައަށް ކާލާނެ ފަދައެއް ނެތުމާއި، ތިމާވެށި ހިމާޔަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި މާލެ ސަރަހައްދު ހިއްކުމާއި، ލާމަރުކަޒީ ކުރުމުގެ ބަދަލުގައި މާލެ ސަރަހައްދަށް މީހުން ތޮއްޖެއްސުމަށް މާލެ ކައިރީ ފަރުތަކަށް ގެއްލުންވާނެހެން އަމަލުކުރުމުން އެކަމާ އަޑުއުފުލުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކުލި ކޮންޓްރޯލް ކުރުމަށް މަޖިލީހުން އެއްވެސް ކަމެއް ކޮށްފައި ނުވުމާއި، މި ޕެންޑަމިކާ ގުޅިގެން އެތައްބައެއްގެ ވަޒީފާ ގެއްލި ކުއްޔަށް އުޅެމުން އައި ތަންތަނުން ނެރެ އެތައް ބަޔަކު މަގު މަތިވުމުން އެކަމާ ވެސް އަޑުއުފުލުމަށް ހަމަޖެހިފައިވާ ކަމަށް ސާއިރާ ވިދާޅުވިއެވެ.

ސާއިރާ ވިދާޅުވީ އެފަދަ ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ހައްލު ހޯދުމުގެ ބަދަލުގައި މަޖިލީހުގައި ބޭކާރު ކަންކަމަށް ބަހުސް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބަހުރި ކަމަށެވެ.

"ނަވާނަވައި" އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ރައްޔިތުންގެ ރުފިޔާއިން ބޮޑު މުސާރަ ނަގައިގެން ރައްޔިތުން އެންމެ ހާލުގައި ޖެހުނު ދުވަހު އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ ސަކަރާތް ޖެހުމުގައި ރެއާއި ދުވާލު އުޅޭތަން ބަލަން ނުތިބެވޭނެ ކަމަށެވެ.

"އާއިލާތައް މަގުމަތިވެ ދެ މަސް ވީއިރު އާމްދަނީ ނެތި ހާލުގައި ތިބި މަސައްކަތްތެރިންނަށް އެހީތެރިކަމެއް ނުދީ ތިބޭ ބައެއް ޖަވާބުދާރީ ކުރުވާނީ އަހަރެމެން އާންމު ރައްޔިތުން. މުޒާހަރާ އޯގަނައިޒް ކުރުމުގައި ބައިވެރިވާން ބޭނުންނަމަ އަހަރެމެންނަށް ޑީއެމް ކުރޭ، ނޫންނަމަ 9477309 އަށް ގުޅާލާ!" "ނަވާނަވައި" އިން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވެއެވެ.

ނަވާނަވައި އަކީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެކެވެ.