މިއަދު ވެރިކަމަށް އާދެވުނީ ވެސް ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅައިގެން ކަމަށް ވިދާޅުވެ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ނައިބު ރައީސް އާމިނަތު ނާދިރާ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނާދިރާ މިހެން ވިދާޅުވީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުރައްސާރަ ކުރި މައްސަލަ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރި ކުރެއްވުމުން ދޮންބިލެތް ވިދާޅުވި ވާހަކައަކަށެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް މައުމޫނަށް ނިސްބަތްވާ ގޮތަށް ދޮންބިލެތް ވިދާޅުވީ، ވެންޓިލޭޓަރުގައި އޮތަސް ވެރިކަމައިގެން އުޅުއްވާ ބޭފުޅުން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އެގޮތުން އަމިއްލައަށް ހިނގައި ނޫޅެވޭ ބޭފުޅުން ބަޔާން ނެރުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ، މުސްކުޅި ސާރިދޯޅައޭކީ ބަޔަކު ވެރިކަމަށް އިންތިހާބު ނުވެ، މިއަދު ވެރިކަމަށް އާދެވުނީ ދޮންބިލެތް ވިދާޅުވި ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅައިގެން އޮވެ ކަމަށެވެ. އަދި އެދުވަހު ވެންޓިލޭޓަރު ހޮޅި އަނގަޔަށް ގުޅަން ތިބީ ލޮލުން ބޮލުން އެދިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މުސްކުޅި ސާރިދޯޅަ އާއި ޒުވާން ފުއްލާގެ ވާހަކައަކީ 2016 ވަނަ އަހަރުތެރޭ "އަސްލު ރ. އަތޮޅު ބޮޑު ޖަލްސާ"ގެ ނަމުގައި ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅެކެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މުސްކުޅި ސާރިދޯޅެއްގެ ދުވެލީގައި ކުރިއަށް ދާން ރާއްޖެއަށް ވަގުތު ނެތް ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ޒުވާން ފުއްލާއެއްގެ ދުވެލީގައި ކުރިއަށްދާން ކަމަށެވެ.