ޚަބަރު

ކޮވިޑަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ހޯދުނު ބޭހަކީ ރާއްޖޭގައިވެސް ހުންނަ ބޭހެއް: ޑރ. ފައިސަލް

އަލީ ޔާމިން

ކޮވިޑަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ހޯދުނު ބޭހަކީ ރާއްޖޭގައިވެސް ހުންނަ ބޭހެއް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

"ޑެކްސަމެތަޒޯން" ނަމަކަށް ކިޔާ ބޭހެއް ބޭނުންކުރުމުން ކޮވިޑުގެ ހާލު ދެރަވާ މީހުން ރަނގަޅުވަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ސިއްހީ ތަޖުރިބާކާރުން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މި ބޭހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު މާޓިން ލެންޑްރައޭ ވިދާޅުވީ، ވެންޓިލޭޓަރުގައި ތިބޭ ބަލި މީހުންނަށް މި ބޭސް ދިނުމުން މަރުވުމުގެ ފުރުސަތު 40 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ ކަމަށެވެ. އަދި އޮކްސިޖަން ބޭނުންވާ ބަލި މީހުންނަށް މި ބޭސް ދިނުމުން 25 އިންސައްތަ މީހުން މަރުން ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑެކްސަ މެތަޒޯނަކީ ކޮވިޑަށް ކަށަވަރު ބޭހެއް ނޫން ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ ތެރެއިން މި ބޭސް ދިން މީހުންގެ 1/3 ފުރާނަ ސަލާމަތްވި ކަމަށާއި އޮކްސިޖަން ގުޅިމީހުންގެ 1/5 މީހުންގެ ފުރާނަ ސަލާމަތްވި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި އޮކްސިޖަން ދޭން ނުޖެހޭ މީހުންނަށް މި ބޭސް ދިނަސް އެއްވެސް ތަފާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ޑެކްސަ މެތަޒޯނަކީ ސްޓެރޮއިޑެއް ކަމަށާއި އެއީ ވައިރަސް ނައްތާލާ ބޭހެއް ނޫން ކަމަށެވެ. އަދި އެ ބޭސް ރާއްޖޭގައިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައިވެސް ހުންނަ ބޭހެއް. ސުޓެރޮއިޑެއް، ވައިރަސް ނައްތާލާ ބޭހެއް ނޫން. ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމުގެ މަސައްކަތް ބޮޑުވެ، ހުދު ތިމާގެ ހަށިގަޑަށް ގެއްލުންވާވަރަށް މި ނިޒާމުގެ މަސައްކަތް ދިޔަނުދީ މައިތިރި ކުރާ ބޭހެއް މިއީ." ޑރ. ފައިސަލް ވިދާޅުވިއެވެ.

އެހެނިހެން ބަލިތަކުގައިވެސް މި ބޭސް ބޭނުންކުރާކަން ވެސް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.