ކޮވިޑް 19އާ ގުޅިގެން އެނބުރި ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި 500 އަށްވުރެ ގިނަ ބިދޭސީން މިއަދު ފުރުވާލައިފިއެވެ.
އިމިގްރޭޝަނުން ބުނީ، މިއަދު ފުރުވާލި މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 200 މީހަކާއި އިންޑިއާގެ 156 މީހަކާއި ނޭޕާލުގެ 149 މީހުން ކަމަށެވެ.
މި މީހުންނާއެކު ކޮވިޑަށްފަހު ރާއްޖެއިން ފުރުވާލި ބަންގުލަދޭޝް މީހުންގެ އަދަދު ވަނީ 3124 އަށް އަރައިފައެވެ. އަދި މިހާތަނަށް އިންޑިއާގެ 3710 މީހުން އެނބުރި ގައުމަށް ފުރުވާލާފައިވެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް އޭޝިއާގެ ގައުމުތަކަށް 10،879 މީހަކު ފުރުވާލި އިރު، ޔޫރަޕްގެ ގައުމުތަކަށް 2091 މީހުން އަދި އެފްރިކާގެ ގައުމުތަކަށް 41 މީހަކު ފުރުވާލާފައިވެއެވެ.