ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލު އޮތްގޮތުން އިސްލާމްދީނާ ދުރަށް ގެންދިއުމަށްޓަކައި، ވަރަށް ހީލަތްތެރިކަމާއެކު ތުރުކީގެ އިސްލާމީ ހަޟާރަތް ނައްތާލިގޮތަށް ރާއްޖޭގައި ވެސް މިހާރު ކަންކަން ކުރަމުންދާ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލު ފަރުމާކޮށްފައިވާ ގޮތުން 241 ކޮމިޓީއަށް އެމްޑީޕީން ބޭނުންވާ ހުރިހާގޮތަކަށް ފުލުހުންގެ މުއައްސަސާ ބައްޓަން ކުރުމުގެ ހުރިހާ ބާރު ލިބިގެންދާ ގޮތަށް ނިންމި ނިންމުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް، އެއްވެސް ހާލަތެއްގައި ރައްޔިތުންގެ ކިބައިން ރުހުމެއްވެސް ނުހޯދައި ބަރުލަމާނީ ނިޒާމަކަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެއީ ސަރުކާރުގެ ބާރު ދެރަކުރުމާއެކު ރައްޔިތުންގެ ބާރުވެސް ކަނޑުވާލުމަށް ކުރަމުންދާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު މިދަނީ ވަރަށް ނުބައި މިސްރާބަކަށް ކަމަށާއި މަޖިލީހުގައި ކަންކަން ކުރަމުންގެންދާ ގޮތުން އެ ކޯލިޝަނުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އިސްލާމްދީނާ ދުރަށް ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ ގިނަ މަސައްކަތްތަކެއް މިހާރު ފެންނަމުންދާ ކަމަށާއި އެހެންކަމުން އެކަންކަމާ މެދު އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ޑިމޮކްރަސީއަށް ވިސްނާއިރު މިހާރުވެސް މަޖިލީހުން ކަންކަން ކުރަމުންދަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށާއި އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް މަޖިލީހުގައި ދިން އަނިޔާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.