ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަނަށް ބޮޑު އަސަރެއް ކޮށްފައިނުވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލައި، ނެރުނު "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: ސްޓޯމީ ސީޒް" ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ވެސް ރާއްޖޭގެ އިންފްލޭޝަން ލެވެލް ހުރީ ދަށް އަދަދެއްގައި ކަމަށާއި އެއީ 0.2 ޕަސެންޓް ކަމަށެވެ.
ކޮވިޑާ ގުޅިގެން ވެސް ރާއްޖޭގެ ތަކެތީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުނު ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އޭގެ ސަބަބެއް ކަމަށް އެ ބޭންކުން ބުނީ، ތަކެއްޗަށް އޮތް ޑިމާންޑު ދަށްވުމާއި އަގުތައް ތިރިކުރުމަށް ޕޮލިސީ ލެވެލްގައި އެޅި ފިޔަވަޅުތަކެވެ.
އެގޮތުން ކޮވިޑުގެ ހާލަތުގެ ކުރީކޮޅު ތެލުގެ އަގުތައް ކުޑަކޮށްދީ އިންޓަނެޓާއި މުވާސަލާތީ ހިދުމަތްތަކުން އެ ހިދުމަތްދޭ ކުންފުނިތަކުން ޑިސްކައުންޓް ދިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއަހަރުގެ އޭޕްރިލާއި މެއި މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތުން ޑިސްކައުންޓް ދީފައިވާތީ އިންފްލޭޝަން އިތުރަށް ކުޑަވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވޯލްޑް ބޭންކުން ބުނީ، ކާބޯތަކެތީގެ އަގުތައް ވެސް އެއް ހަމައެއްގައި 3.6 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށެވެ.