މި ދަނޑިވަޅަކީ ދުވަހަކުވެސް ދަށަށް ނުދާވަރަށް ރާއްޖޭގެ އިގުތިސާދު ދަށަށް ގޮސްފައިވާ ދަނޑިވަޅަކަށް ވާތީ، ވަޒީފާ އަދާކުރާ ފަރާތްތަކަށްދޭ އެންމެ ކުޑަ އުޖޫރަ (މިނިމަންވޭޖް) މިވަގުތު ކަނޑައަޅަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައ ބައިވެރިވެވަޑައިގެން އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.
އެންމެ ކުޑަ އުޖޫރަ ހަމަޖެއްސުމަށް، މިނިމަމް ވޭޖު ބޯޑުން ލަފާދީފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނާ ހިސާބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ހަމަައަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އިން 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާ ތާއީދުކުރެއްވި ނަމަވެސް އެކަން ކުރެވެން އޮތީ މިއަހަރުގެ ޖެނުއަރީގައި ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށް އަނބުރާ ދެވުމުން ކަމަށެވެ. ޖެނުއަރީގައި އިގުތިސާދު އޮތް ހިސާބަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިވަގުތުވެސް ޕަބްލިކް ސެކްޓަރުގައި ތިބި 44،838 މުވައްޒަފުންގެ ތެރެއިިން 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށްވުރެ ދަށުން ލިބޭ މުވައްޒަފުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީފާގެ ގާނުނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މެންބަރުން ވިދާޅުވީ، މިއީ މިނމަމްވޭޖް ކަނޑައަޅަން އެންމެ މުހިއްމު ވަގުތު ކަމަށާއި އަންނަ އަހަރު ޖެނުއަރީ އެކަކުން ފެށިގެން މިިނިމަމްވޭޖް ލިބޭގޮތަށް ގާނޫނަށް ގެންނަ އިސްލާހުގައި ހިމެނުން މުހިއްމު ކަމަށެވެ.
މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅައި، އެންމެ މަތީ ކެޓަގަރީއަށް 8000 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6000 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4000 ރުފިޔާ ކަނޑައަޅަން މެންބަރުން ވަނީ އެ ބިލުގައި ހިމަނަން ހުށަހަޅައިފައެވެ.