ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވެސް ވަނީ އެކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ހާލިދު ވިދާޅުވީ، އޭނާއަކީ އެންއީއޯސީން ބާއްވާ ޕްރެސްތަކުގައި ވެސް މަސައްކަތް ކުރަން ހަރަކާތްތެރިވާ ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ކަމަށާއި އެއާއެކު އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އޭނާއާ ކޮންޓެކްޓްވި އަށް މީހަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޕޮޒިޓިވް ކޭސްއަކާ ގުޅިގެން އެއްވެސް ތަނެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ކަމަށް ހާލިދު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލެއްގެ ތެރެއިން ކަމަށެވެ. އަދި އެ ކޭސްއާ ގުޅިގެން އެންއީއޯސީގެ ހަރަކާތްތައް ހިންގަމުން އަންނަ ދަރުބާރުގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ޕީއެސްއެމްގެ ދަށުން ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.